ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ފެންވަރު ރަނގަޅު ބޭސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ސްޓޭޓް ޕާމާސްއިން ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށާއި، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ބުންޏެވެ.
އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިން މަރުހަލާތައް ހަރުދަނާވެގެންދާނެ ކަމަށް ސްޓޭޓް ފާމާސްއިން ވަނީ ބުނެފައެވެ.
އެއީ އަސާސީ ބޭސްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ފެންވަރު ރަނގަޅު ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ސްޓޭޓް ފާމާސްއިން ވަނީ ބުނެފައެވެ.




