މައެއްގެ ނުރުހުމުގައި، އޭނާގެ ތުއްތު ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ކުއްޖާ ވިހެއިތާ ތިން ދުވަސް ވެފައިވަނިކޮށް މަންމައަށް އަންގާވެސް ނުލައި ޖެންޑަރ މިނިސްޓްރީން އެ ކުއްޖާ ދައުލަތަށް ނަގައި، ފޮސްޓަރ އާއިލާއަކާ ހަވާލުކުރި ކަމަށް ބުނެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާ ކުރުމުންނެވެ.
ތުއްތު ކުއްޖާގެ ފޮޓޯއަކާއެކު އުމުރުން 25 އަހަރުގެ އެ މަންމަ ބުނެފައިވަނީ، އޭނާ ދަރިފުޅު ޖެންޑަރ އިން އަތުލީ އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނެ، އަދި އުފެދުމުގައި އޭނާގެ އަތުގެ ނުކުޅެދުންތެރިކަމެއް ހުންނަކަމަށް ބުނެ ކަމަށެވެ. އޭނާގެ ދަރިފުޅު އަނބުރާ އޭނާއަށް ރައްދު ކޮށްދިނުމަށް ވެސް އެ މަންމަވަނީ ވަރަށް އާދޭސް ކޮށްފައެވެ. ކުއްޖާ އަތުލައިގެން ގެންދިޔައީ މަންމައާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް އެންގުމެއްވެސް ނެތި ކަމުގައި ވެސް ތުއްތުކުއްޖާގެ މަންމަ ފާހަގަ ކޮށްފައިވެއެވެ.
މިކަން ފެންމަތިވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ޖެންޑަރ މިނިސްޓްރީއަށް ފާޑުކިޔާފައެވެ. އަދި ކުއްޖާ އަނބުރާ މަންމައަށް ދިނުމަށް ވެސް ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން ޖެންޑަރ އިން ބުނީ، އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކުއްޖާއާ މެދު އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮަށް ކަމަށާއި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އާއިލާއިން އެ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުނުވާނެ ހާލަތުގައި އެކަނި ކަމަށެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމްއިން ބުނީ، މި މައްސަލަ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.



