ފައިސާ ޗާޕުކޮށްގެން ރުފިޔާގެ އަގު ވައްޓާލީ އިދިކޮޅު އެމްޑީޕީ ސަރުކާރުން ކަމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ތުހުމަތު ކޖެައއެވެ.
ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ ތާށިކަމާ ގުޅުވައިގެން އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
އެމްޑީޕީން މިރޭ ބޭއްވުމަށް ރާވާފައިވާ މުޒާހަރާއާ ދިމާކޮށް، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19 ރުފިޔާއަށް ތިރިކުރަން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް އިއްޔެ ގޮވާލައްވާފައިވަނިކޮށް، ސޯޝަލް މީޑިޔާގައި އާންމުކުރެއްވި ވީޑިއޯއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމާ އަޅާބަލާއިރު މިހާރު ރަސްމީ ރޭޓުގައި ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މާކެޓުގައި ނުތަނަވަސްކަން އުފައްދައި، ކަޅު ބާޒާރަށް ހިތްވަރުދޭ ގޮތަށް ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވަމުން ސައީދު ވިދާޅުވީ، މިއީ ސިޔާސީ ބޭނުމަކަށްޓަކައި، މީހުން މުޒާހަރާ އަށް ޖަމާކުރުމަށް ރާވައިގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް މިއަދު މިކަމުގެ ހަގީގަތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުން ތަފާސްހިސާބުތައް ނަންގަވައި، މިނިސްޓަރު ސައީދު ވިދާޅުވީ 2021 ވަނަ އަހަރު ބޭންކު ކާޑުތަކަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 10 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު ވަނީ މަހަކު 39 މިލިއަން ޑޮލަރަށް އުފުލިފައި ކަމަށެވެ.
އަދި 2021 ވަނަ އަހަރު އިމްޕޯޓް ވިޔަފާރިތަކަށް ޓީޓީގެ ގޮތުގައި ބޭންކުތަކުން މަހަކު އެވްރެޖްކޮށް 6.7 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު މިހާރު އެ އަދަދު ވަނީ 26.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މިއީ ކުރިން ދިން ފަސް ޕަސެންޓުގެ ސަޕޯޓާ އަޅާބަލާއިރު 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.




