މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގައި ވިޔަފާރި ކުރުމަށް މަސްކައްކައި، ރިހާކުރާއި ހަވާދު ހެދުމުގެ މަސައްކަތް ކުރާ މީހުންނަށް ވަކި ސަރަހައްދެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ދިރާސާ ކުރަން ފަށައިފިއެވެ.
ގަލޮޅުގެ ބައެއް ގޭގޭގައި ޒަމާނުއްސުރެ މަސްކައްކައި ރިހާކުރު ހެދުމުގެ މަސައްކަތް ކުރަމުންދާކަން، އިއްޔެ ބޭއްވި ކައުންސިލް ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު އިސްމާއީލް ހަލީމް ވަނީ ފާހަގަކުރައްވައިފައެވެ.
މިހާރު އެ މަސައްކަތް ކުރަނީ ދެވަނަ ޖީލުގެ މީހުން ކަމަށާއި ސަރަހައްދު ތަރައްގީވެ، ބޮޑެތި އިމާރާތްތައް ހަދަމުންދާއިރު އެފަދަ މަސައްކަތްތަކުގެ ސަބަބުން އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ހަނި ގޯޅިތަކުގައި ހުންނަ ގެތަކުގައި ދަރު އަންދައިގެންނާއި ދުން އަރުވައިގެން މިފަދަ މަސައްކަތްތައް ކުރުމަކީ މިއަދުގެ މުޖުތަމައުގައި ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެ މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭން އޭނާ އެދިވަޑައިގެންނެވި އެވެ.
އެކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި އިންޑަސްޓްރިއަލް ޒޯންތަކެއް ހެދިފައިވިޔަސް، މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރުކާރުން ނަގާފައިވާ ކަމަށެވެ.




