ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.
ރައީސް ޞާލިޙަށް ތާއީދުކުރެއްވުމަށް ނިންމަވައި، ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕްރައިމަރީގައި ވާދަކުރައްވާނެކަން މީގެކުރިން ހާމަކުރައްވާފައިވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ހިމެނިވަޑައިގަންނަވައެވެ. އަދި އޭގެ އިތުރުން، ރަސްމީކޮށް އިޢުލާނު ނުކުރެއްވި ނަމަވެސް ޓިކެޓަށް ޝައުޤުވެރިކަން ހުރިކަމަށް ބެލެވުނު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމަވާފައެވެ.
”ސައުވީސް“ އަށް ކަށަވަރު ވެފައިވާ ގޮތުގައި، ރައީސް ޞާލިޙު މި ނިންމެވުން ނިންމަވާފައި ވަނީ އެ ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކަކާ އެކު ކުރިއަށް ގެންދެވި މަޝްވަރާތަކަކަށް ފަހުގައެވެ.
އެގޮތުން، ރަށްރަށުގެ އެކްޓިވިސްޓުންނާއި ލީޑަރޝިޕްގެ ބޭފުޅުންނާ އެކު ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވެވުމަށް ފަހު، އެމަނިކުފާނު ގޮތެއް ކަނޑައެޅުއްވީ އިއްޔެ އެމްޑީޕީން ބޭއްވި ޚާއްސަ ބައްދަލުވުމެއްގެ ތެރެއިންނެވެ.



