ޝަރުއީ ދާއިރާއަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓޭނީ ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ކޯޓުތަކުން ވީ އެންމެ އަވަހަކަށް ނިންމައިގެން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްް ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.
ހުސްނީ މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ތިން ގާޟީންނާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޟީން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ހުސްނީ ވިދާޅުވީ ޝަރުއީ ދާއިރާއާ މެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށެވެ.
”ވަކިން ޚާއްސަކޮށް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ، ނުވަތަ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަސް ގޮތެއްގައި ނިންމުން،“ ހުސްނީ ވިދާޅުވިއެވެ.
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ނުބެލި ދިގުލައިގެން ދާ ނަމަ، އަދި އިންސާފުވެރިކަމާއެކު މައްސަލަތައް ކުރިއަށް ނުގެންދާ ނަމަ އާންމުން އެކަންކަން ފާހަގަކުރާނެ ކަން ޙުސްނީ ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ މަންޒަރު ކިލަނބުވެގެން ދާނެ ކަން ވެސް ފާހަގަކުރެއްވިއެވެ.
ވުމާއެކު، ކޯޓުތަކުގައި ނުނިމިހުރި ގިނަ ދުވަސްވީ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހުސްނީ ފަނޑިޔާރުންގެ އަރިހުން އެދިވަޑައިގަތެވެ.



