ދިގު 20 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.
އެނގިފައިވާ ގޮތުގައި ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން މާހިރު ހުށަހެޅުއްވި ހުށަހެޅުއްވުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ގަބޫލުކޮށް، އޭނާއަށް ރިޓަޔަމަންޓް ދޭން ނިންމައިފައެވެ. އެއާއެކު، އަންނަ މަހުގެ ތެރޭގައި މާހިރު ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާނެކަން ވެސް ވަނީ އެނގިފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި މާހިރު، ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވަން ނިންމެވި ވަކި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މާހިރު ހުންނެވީ ފެމިލީ ކޯޓުގައެވެ. ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް އޮކްޓޫބަރު 13، 2022 ގައި އޭނާ ހަމަޖެއްސެވިއިރު، މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ ނޮވެމްބަރު 9، 2005 ގައި އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންނެވީ މެއި 23، 2010 ގައެވެ.
ފަނޑިޔާރުކަމުގެ މަގާމުން މާހިރު މި ވަކިވެވަޑައިގަންނަވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު، އެކި ކޯޓުތަކުގައި މަސައްކަތް ކުރެއްވުމަށް ފަހުއެވެ.



