މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރޯވި އެޕާޓްމަންޓުގައި އުޅުނު ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
އަލިފާނުގެ އެ ހާދިސާ ހިނގާފައިވަނީ، ބޮޑުރަސްގެފާނު މަގުގައި ހުންނަ ގ. ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ސިޓިންރޫމްގައެވެ.
ހާދިސާ ރިޕޯޓުކުރުމުން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ރޭ 8:40 ހާއިރު ފެށިކަމަށާއި 9:25 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގި ވަގުތު އެހީތެރިކަން ފޯރުކޮށްދޭން އުޅުނު ފުލުހަކު، ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި އަތް ކަނޑައިގެންގޮސް ރޭ ފަރުވާދީފައިވެ އެވެ. އެކަމަކު އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.




