ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހއ. ކެލާ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ކެލާގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ކުރިއަށްދާނެވެ. މަސައްކަތު ބައްދަލުވުމުގައި ކެލާ ކައުންސިލްގެ އިތުރުން ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބޭފުޅުން ބައިވެރިވެއެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީން ބުނީ، އެހެން ރަށްރަށެކޭ އެއްފަދައިން ފުރަތަމަ ތިން ދުވަހު ޑީޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށްފަހު، ފަހު 2 ދުވަހުގައި ކުރިއަށްދާނީ ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ނުވަތަ ކުއްލި ހާލަތެއްގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ.
”ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ ރަށްރަށުގެ ވިލުންތެރިކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ އެއްބައި. އަދި ސާޓް ތަމްރީން ލިބިފައިވާ ބޭފުޅުން ރަށްރަށުގައި ތިބުމަކީ ކަމެއް ދިމާވާ ހިނދު، ލިބޭ ގެއްލުން ކުޑަކޮށް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް“ އެންޑީއެމްއޭގެ ޑިރެކެޓްރ، ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާއު ވިދާޅުވިއެވެ.
ރަށު ފެންވަރުގައި ކާރިސީ ހިރާސްކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ޑިލްޑިންގ (ސީބީއާރުބީ) ގެ ނަމުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ކެލާގައި ކުރިއަށްދާ ޕްރޮގްރާމް ކުރިއަށް ގެންދަނީ ޔޫއެންޑީޕީގެ އެހީއާއެކުގައެވެ.
2012 ވަނަ އަހަރުން ފެށިގެން އެންޑީއެމްއޭއިން އަމަލުކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިިސްކް މެނޭޖްމަންޓް – (ސީބީޑީއާރުއެމް) ފްރޭމްވޯކް މިހާރު ވަނީ ޔޫއެންޑީޕީގެ އެހީއާއެކު އިސްލާހުކޮށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) އަށް ބަދަލުކޮށްފައެވެ.
ރަށުފެންވަރުގައި ކާރިސާތައް މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާތަނަށް 72 ރަށެއްގައި އެންޑީއެމްއޭއިން ކުރިއަށް ގެންގޮސްފައިއެވެ. އަދި އިތުރު ރަށްރަށުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.




