ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ވަފުދެއް ރަޝިއާއަށް ފުރައިފިއެވެ.
މި ވަފުދުގައި އިސްކޮށް ހުންނަވަނީ، ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީންއެވެ.
ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފުދުގެ މި ދަތުރަކީ، ރަޝިޔާ ފެޑަރޭޝަނަށްކުރާ ފަސް ދުވަހުގެ ރަސްމީ ދަތުރެކެވެ. މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގގައި ކުރަމުންދާ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުން ވަރުގަދަ ކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ވިޔަފާރީގެ ބައިވެރިވުންތައް ހަރުދަނާ ކުރުމެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވިއަންގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނެވެ.
މި ދަތުރުގައި، ވަފުދުގެ ބޭފުޅުން ރަޝިޔާ ސަރުކާރުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ވައިގެ މަގުން ގުޅާލުމާއި، ދެ ގައުމުގެ ދެމެދުގައި ފްލައިޓް ކެޕޭސިޓީ އިތުރު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މީގެއިތުރުން މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގްގެ އިސް ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ސިނާއީ ޖަމިއްޔާތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކަކީ، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާއި ’ވިޒިޓް މޯލްޑިވްސް އިޔަރ 2027‘ އަށް ތައްޔާރުވުމުގެ ގޮތުން މާކެޓުގެ މަޢުލޫމާތު އެއްކުރުމަށާއި، ދަތުރުވެރިންގެ މެދުގައި މަޤުބޫލުވަމުން އަންނަ ކަންކަން ދެނެގަތުމުގެ އިތުރުން ގުޅިގެން އިޝްތިހާރު ކުރުމުގެ ފުރުސަތުތައް ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއްކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.



