ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހެޅި އިސްލާހާ ދެކޮޅު ނުހެދުމަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ގޮވައިލައްވައިފިއެވެ.
ފަލާހު ވިދާޅުވީ، އެއީ ދިވެހި ކުންފުނިތަކަށް ލިބެން ހުރި މަސައްކަތްތަކާ ދެކޮޅުވުން ކަމަށެވެ.
ސަރުކާރު ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާވާނެ ކަމަށެވެ.
މި އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ޓެކުހުގެ ނިޒާމުގެ ތެރެއަށް ނުވަދެ، ރާއްޖޭން ބޭރުވާ ފައިސާ ވަންނާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ.
”މިސާލަކަށް ބުރިޖުތައް އެޅުން، އެއީ ވަރަށް ބޮޑެތި މަޝްރޫއުތައް މި ހުންނަނީ،“ އޭނާ ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ބޭރު ގައުމުތަކުގެ ކުންފުނިތަކުން ކޮންޓްރެކްޓަށް އައިސް ތަންތަން ތަރައްގީކުރާއިރު، ގާނޫނުގައި މިހާރު އޮންނަ ގޮތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ޓެކްސް އިދާރާ މީރާއަށް އެ ކުންފުނިތަކުން ފަސް އިންސައްތަ ދައްކަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް ފަލާޙް ވިދާޅުވި ގޮތުގައި، ގާނޫނުގައި ހުންނަ ލޫޕްހޯލުތައް ބޭނުންކޮށްގެން ގެއްލުންވާ ކަމަށް ބުނެ އެ ފަސް އިންސައްތަ ވެސް ބައެއް ކުންފުނިތަކުން އަނބުރާ ނަގައެވެ.
މިއީ އެކަން ހައްލުކުރަން ވެގެން ހުށަހެޅި އިސްލާހެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.



