ރައްޔިތުންގެ މަޖިލީހަށް އެއް ކަމެއްގައި ދެ ޕެޓިޝަން ހުށަނޭޅޭ ގޮތަށް އޮތް އޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އުނިކުރަން މިއަދު ހުށަހަޅައިފިއެވެ.
މި މާއްދާ ގަވާއިދުން އުނިކުރަން ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާކުރުމަށް އާންމު ކޮމިޓީއަށް ފޮނުވާފަ އެވެ. އަދި، މި މައްސަލަ ދިރާސާކުރުމަށް މިއަދު މެންދުރު 12 ގައި އެ ކޮމެޓީގެ ބައްދަލުވުމެއް ވެސް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.
އުނިކުރަން ހުށަހެޅި، ޕެޓިޝަންގެ ޝަރުތައް ބަޔާންކުރާ މި މާއްދާގެ (ޅ)ގައި އޮންނަނީ، ޕެޓިޝަންގައި، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށް ގެންދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް ހިމެނިފައި ނުވުމެވެ.
އެއް ކަމެއްގައި ދެ ޕެޓިޝަން ހުށަނޭޅޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން ގަވާއިދު އިސްލާހުކުރަން ހުށަހަޅާފައިވާއިރު، ކައުންސިލުގެ ބިންތައް ދައުލަަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ 2000އަށް ވުރެ ގިނަ މީހުންގެ ސޮޔާ އެކު އީޕެޓިޝަނެއް މަޖިލީހަށް އޮތީ ހުށަހަޅާފައެވެ.
މި އަދަދަށް ސޮއި ލިބުމުން މި ޕެޓިޝަން މިހާރު ވަނީ މަޖިލީހުގައި ބަހުސްކުރަންޖެހޭ ހާއްސަ ޕެޓިޝަނަކަށް ބަދަލުވެފަ އެވެ. އުސޫލު ބުނާ ގޮތުން މި ބިލު ރައީސްގެ ސަމާލުކަމަށް ގެނައުމުގެ އިތުރަށް ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި މި ޕެޓިޝަނަށް މަޖިލީހުގައި ބަހުސްކުރަން ޖެހޭނެ އެވެ. އެކަމަކު އޭގެ ފަހުން މިއަދާ ހަމައަށް ދެ ޖަލްސާ ކުރިއަށް ގެންގޮސްފައިވާއިރު އަދި އެ ޕެޓިޝަން އެޖެންޑާއެއް ނުކުުރެއެވެ.




