ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުން އަތުން ނަގާ ވިތުހޯލްޑިން ޓެކްސް %10އަށް ބޮޑު ކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ރައްޔިތުންގެ މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
”އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު“ މިހާރު އޮންނަ ގޮތުން ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ބައެއް ބާވަތުގެ ވިޔަފާރިތަކުން ނަގަނީ %10 އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ ކުލި، ރޯޔަލްޓީ އާއި ޑިވިޑެންޓް އަދި ޓެކްނިކަލް ސާވިސްއާ ގުޅޭ ވިޔަފާރިތައް ހިމެނެ އެވެ. ނަމަވެސް ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް އޮންނަނީ %5ގެ ޓެކްސް އެކެވެ.
ސަރުކާރުން މިއަދު އިސްލާހު ހުށަހެޅީ، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންސް ޓެކްސް %10އަށް އިތުރުކުރުމަށެވެ.
ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ރޭ މަޖިލީހަށް ހުށަހެޅި މި ބިލު މިއަދުގެ މަޖިލީހަށް ގެނެސް ބަހުސްކޮށްފައިވެއެވެ.
ބަހުސް ނިންމައި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި، މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 65 މެމްބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ ތެރެއިން:
° އެއް މެމްބަރަކު ފިޔަވައި ދެން ތިއްބެވި ހުރިހާ މެމްބަރުން ވޯޓުދެއްވީ އެ ބިލު މަޖިލީހަށް ބަލައިގަތުމަށް
° އެހެންވެ، 64 މެމްބަރުންގެ ވޯޓާ އެކު މި ބިލު ބަލައިގަނެ، ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައި



