އެމެރިކާގެ އިންޑިއާނާ ސްޓޭޓަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 5 މީހުން މަރުވެެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ކައުންޓީތަކުން ބޮޑު ކާރިސާއެއް އިއުލާންކޮށްފައިވާއިރު، ކޯރުތަކުގެ ފެންގަނޑު ރެކޯޑް މިންވަރަކަށް އުފުލި ގިނަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެއެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހެމިލްޓަން ކައުންޓީން ފެށިގެން އިންޑިއާނާޕޮލިސްގެ އުތުރުގެ ސަރަހައްދުތަކަށެވެ.
މަރުވި މީހުންގެ ތެރޭގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ކާރު ދުއްވަން އުޅުނު އަންހެނަކާއި، ކޯރަކަށް ފުންމާލި ފުރާވަރުގެ ކުއްޖެއްގެ އިތުރުން ގަހެއް ވެއްޓި ފުރާޅު މައްޗަށް ވެއްޓުމުގެ ސަބަބުން މަރުވި ހަތަރު އަހަރުގެ ކުއްޖަކު ހިމެނެއެވެ.
މި ކާރިސާއިން އަރައިގަތުމަށް ފެޑެރަލް ވަސީލަތްތަކުގެ އެހީ ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާއިރު، އިންޑިއާނާޕޮލިސްގެ މޭޔަރު ވަނީ މިއީ ވޭތުވެދިޔަ 30 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުން ކަމަށް ފާހަގަކުރައްވައި ކޯރުގެ އައްސޭރީގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އިލްތިމާސްކުރައްވާފައެވެ.




