ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންސްޕާއިން މިދިޔަ ޖުލައި މަހު 56.8 މިިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޮރުކޮށްދީފިއެވެ. މިއީ މިދިޔަ ޖޫންމަހާ އަޅާބަލާއިރު މަދު އަދަދެކެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހު ދޫކުރީ 57.9 މިލިއަން ރުފިޔާއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހު އަލަށް 63 މީހުން ރަޖިސްޓަރުވެ، އެ ދަފްތަރުގެ އަދަދު ވަނީ 15549 އަށް އަރާފައެވެ. އެންސްޕާއިން މިދިޔަ މަހު އެހީ ދޫކޮށްފައިވަނީ 15،369 މީހަކަށެވެ. މި މީހުންނަށް 56،831،000 ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދަފްތަރުގައި ރަޖިސްޓަރ ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 8،996 ފިރިހެނުންނާއި 6،553 އަންހެނުންނެވެ. އުމުރުފުރާއަށް ބަލާއިރު އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 7،896 މީހުންނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތި:
– މަލްޓިޕަލް ޑިސްއެބިލިޓީ: 3520 މީހުން
– ސިކުނޑީގެ ނުކުޅެދުންތެރިކަން: 1820 މީހުން
– ނަފްސާނީ ނުކުޅެދުންތެރިކަން: 2435 މީހުން
– އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން: 1866 މީހުން
– ފެނުމުގެ ނުކުޅެދުންތެރިކަން: 1030 މީހުން
– އޯޓިޒަމް: 593 މީހުން
– އުނގެނުމުގެ ނުކުޅެދުންތެރިކަން: 58 މީހުން
– ޖިސްމާނީ ނުކުޅެދުންތެރިކަން: 4227 މީހުން




