ހަޤީޤީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި ޢިލްމު ގުޅިލާމެހޭ ހިސާބުންކަމަށާއި، އީޖާދެއްގެ މާނަ ފުރިހަމަވަނީ، އޭގައި މީހުންނަށް މަންފާއެއް ލިބޭކަމެއް އެކުލެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި މިއަދު ފެށި، ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026، ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުގެ ސަބަބުން، ކުރިން އުންމީދު ކުރެވިފައި ނުވާ ފަދަ އެތައް ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، އެއްޗެއް ނުވަތަ ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.
ޓެކްނޮލޮޖީ މިންކުރުމުގައި ބަލަންވީ އެއީ އުފެއްދިދާނެ އެއްޗެއްތޯ ނުވަތަ ކުރެވިދާނެ ކަމެއްތޯއެއް ނޫން ކަމަށާ، ބަލަންވީ، އޭގެ މަންފާ ކުރާނީ ކޮން ބަޔަކަށްތޯކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ސަބަބުން ހަޤީޤީ ބަދަލެއް އަންނަނީ، ޝަޢުޤެއް އެކަމުގައި އޮވެމެ، ތަޢުލީމީ ނިޒާމަށާއި، ޞިއްޙީ ދާއިރާއަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަން އަމާޒުކުރެވުމުން ކަމުގައިވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މިފަދަ އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި، އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އިލްތިމާސްކުރައްވަމުން، އީޖާދުކުރުމަކަށް ވަކި ޖިންސެއް ނުވާކަމަށާއި، މުސްތަޤުބަލު ބައްޓަންކުރުމުގައި އެބައެއްގެ ދައުރު އަދާކުރުމަށް އެއްވެސް ފަރާތެއްގެ ހުއްދައަކަށްވެސް ބޭނުންނުވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަން ކުރިއަރުވައި، ނާގިދު ފިކުރާއި، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަން ޖެހޭކަމަށެވެ. އަދި ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ވުމުގެ ބަދަލުގައި، އެ އުފައްދާ ބަޔަކަށް ވުމަށް ދަރިވަރުންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ. ހަމަމިއާއެކު، ކަންކަމާ މެދު ހިތުގައި ޝައުޤުވެރިކަން އުފެއްދުމަށް ހިތްވަރުދިނުމަށާއި، އައު ކަންކަން ތަޖުރިބާކުރުމަށް އޮންނަ ޔަޤީންކަން ކަށަވަރުކޮށްދިނުމާއި، ނާކާމިޔާބީން ފިލާވަޅު ލިބިގަތުމަށް މުއައްސަސާތަކަށް ގޮވާލެއްވިއެވެ.



