އެމެރިކާއާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ސަޢުދީގެ ތެޔޮ އުފުލާ އުޅަނދުތަކަށް އަމާޒުވި ހަމަލާތަކާ ގުޅިގެން މެދުކަނޑާލި ތެޔޮ އެކްސްޕޯޓްކުރުމުގެ އޮޕަރޭޝަންތައް، ހުރްމުޒް ކަނޑުއޮޅި އެތެރޭގެ ބަނދަރުތަކުން ސައުދީގެ އަރާމްކޯ ކުންފުނިން އަލުން ފަށައިފިއެވެ.
އޮގަސްޓު މަހުގެ 12 އިން 16 ގެ ނިޔަލަށް ސަޢުދީގެ ޖުއައިމާ އަދި ރައުސު ތަނޫރް ޓާމިނަލްތަކުން ތެޔޮ އުފުލާ ބޮޑު ތިން ކެރިއަރު ކަމަށްވާ މެލޭޝިއާ ޕްރޮސްޕެރިޓީ، އަލްޖީރިއާ ޕްރޮސްޕެރިޓީ އަދި ސިންގަޕޯރ ޕްރޮސްޕެރިޓީގެ ތެރެއިން ކޮންމެ އުޅަނދަކަށް 2 މިލިއަން ފީފާގެ ތެޔޮ ވަނީ ބަރުކޮށްފައެވެ.
މިއީ ތިން ހަފުތާގެ މެދުކެނޑުމަކަށްފަހު އެ ބަނދަރުތަކުން އަލުން ތެޔޮ ބަރުކުރަން ފެށި ފުރަތަމަ ފަހަރެވެ. މީގެއިތުރުން، މި މަހުގެ ފަހުކޮޅު ހުރްމުޒު ކަނޑުއޮޅި އެތެރެއިން އިތުރު 6 އުޅަނދަކަށް ތެޔޮ ބަރުކުރެވޭނެ ކަމަށް ވަގުތީ ހިސާބުތަކުން ދައްކައެވެ.ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރު ކަމަށްވާ ސަޢުދީން ވަނީ އޭޝިއާގެ މާކެޓަށް ޔޫއޭއީގެ ފުޖައިރާ ސަރަޙައްދުން އަރަބް މީޑިއަމް އާއި އަރަބް ހެވީ ގްރޭޑުގެ ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމުވެސް ހަމަޖައްސައިދީފައެވެ.
ޔަމަންގެ ހޫޘީން ރަތްކަނޑުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަޢުދީގެ ގިނަ ބަނދަރުތަކުން ތެޔޮ ބޭރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. ނަމަވެސް، ވޭތުވެދިޔަ ތިން މަސްދުވަހު އޭޝިއާއަށް އެއްވެސް މިންވަރަކަށް ތެޔޮ ބަރުކޮށްފައި ނުވާ ސިދީ ކްރީރު ބަނދަރުން މި މަހު ދުވާލަކު 670،000 ފީފާގެ ތެޔޮ ބަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.
ހަކަތައިގެ ދާއިރާގެ މާހިރެއް ކަމަށްވާ އެމާ ލީ ފާހަގަކުރެއްވި ގޮތުގައި، ދަތުރުގެ ދިގުމިނާއި ބޮޑު ޚަރަދާ ހުރެ ޚާއްޞަކޮށް ޗައިނާގެ ކަސްޓަމަރުންގެ ކަންބޮޑުވުންތައް ހުރުމުން، ސިދީ ކްރީރު މަގުން އޭޝިއާއަށް ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތެއް ނުކުރެއެވެ.



