މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (އެމްއެޗްސީއެލް) އިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް އިއުލާންކުރާ ޢުމްރާ ދަތުރުތަކުގެ އަގުތައް ބޮޑުކޮށް، އަންނަ ރަމަޟާން މަހުގެ ޢުމްރާ ދަތުރުތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެ ކޯޕަރޭޝަނުން ވަނީ، ކުރިއަށް އޮތް މުޅި ރަމަޟާން މަހުގެ ޢުމްރާ ދަތުރުގެ އަގު 55،965 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއީ އެންމެ ފަހުން ނިމުނު ރަމަޟާން މަހު މުޅި މަހުގެ އުމްރާއަށް ނެގި 48،965 ރުފިޔާއާ އަޅާބަލާއިރު 7،000 ރުފިޔާގެ ބޮޑުވުމެކެވެ.
ހައްޖު ކޯޕަރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަހަރުގެ އެކި ދުވަސްވަރުތަކަށް ކަނޑައަޅާފައިވާ އުމްރާ އަގުތަކަކީ ޖުލައި، ސެޕްޓެމްބަރު އަދި ނޮވެމްބަރު މަހުގެ ދަތުރުތަކަށް -/30،965 ރުފިޔާއެވެ. އަދި ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރަކަށް ކަނޑައަޅާފައިވަނީ -/31،965 ރުފިޔާއެވެ.
މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 15 ގެ ޢުމްރާ ދަތުރުގެ އަގު ވަނީ 50،965 ރުފިޔާ އަށް ބޮޑުކޮށްފައެވެ. މިއީ ކުރީ އަހަރުގެ ފަހު 15 ގެ އަގު ކަމުގައިވާ 45،965 ރުފިޔާއަށްވުރެ 5،000 ރުފިޔާގެ އިތުރުވުމެކެވެ.
މި ދަތުރުތަކުގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަސް ހިމެނޭ ގޮތަށް ކުރިއަށްގެންދާ ޚާއްޞަ ޢުމްރާ ދަތުރުތަކަށްވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ދަތުރުތަކަށް ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.




