ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިން އަތުން ނަގާ ފެއަރ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ރޭގައި ނިންމައިފިއެވެ.
ރައީސް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
މި ނިންމުން ނިންމާފައި މިވަނީ މެދުއިރުމަތީގެ ހަނގުރާމާއާއި ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރެވެއެވެ.
މެދުއިރުމަތީގައި ހަމަލާތައް ބަދަލުކުރަމުން ދިޔުމުން ގިނަ އަދަދެއްގެ ފަތުރުވެރިންގެ ދަތުރުތައް ލަސްކޮށް، ކެންސަލް ވެސް ކުރިއެވެ. އަދި ހަނގުރާމަ ދެމިގެންދިޔަ ވަރަކަށް ދަތުރުފަތުރުގެ އަގު ވެސް އުފުލި، ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.



