އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމްކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މާލެ ނޫން އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއް ކަމަށް ސަރުކާރުން ދެކޭ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ މިނިސްޓްރީން ވަނީ، ކުރިއަށްއޮތްތަނުގައި ނޫސްތަކާއި ސޯޝަލް މީޑިއާގައި ވެސް ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ހޭލުންތެރިކަމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި ބުނެފައެވެ.




