އަށް ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޮންފަރެންއަކީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ކޮންފަރެންސެކެވެ.
ބައިނަލް އަޤުވާމީ ފެންވަރުގައި ބާއްވަމުން އަންނަ މި ކޮންފަރެންސްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުސަތު މުދައްރިސުންނަށް ލިބިދެއެވެ.
މިއަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން 13 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލުގައެވެ.
މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ.
މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ ”ރީއިމޭޖް، ރީތިންކް، ރިފޯމް – އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ“ މި ޝިއާރަށެވެ.




