ޑޮލަރުގެ ކަޅު ބާޒަރަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ހިންގާ ޤާނޫނާ ޚިލާފު އަމަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) މިއަދު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރުކުމާ ވަނީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އުފައްދާފައިވާ ޤާނޫނުތަކާ ޚިލާފު ކަޅު ބާޒާރު ނައްތާލުމަށް ސަރުކާރުންކުރާ އިހުލާސްތެރި މަސައްކަތަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.
”އެންމެންނަށް އެނގޭ ޙަޤީޤަތަކީ މިޤައުމުގެ އެންމެހާ ކަންކަން ފުރިހަމަކޮށް އިތުރުވާ މިންވަރަށް މިޤައުމަށް ޑޮލަރު ލިބޭކަން. އަދި ރައްޔިތުން ޑޮލަރު ބޭނުންވާ މިންވަރަށް ޑޮލަރު ބެންކުން ނުވަތަ ބްލެކް މާކެޓުން ގަންނަން ލިބޭކަން“ ރުކުމާ ވިދާޅުވިއެވެ.
މީގެއިތުރުން ރުކުމާ ވިދާޅުވީ، މިކަމުގެ ހިތާމައަކީ ޤައުމުގެ އެންމެންގެ ލާބައަށް ކުރާ މިފަދަ ކަންކަމުގައި އޮއްޓަރުހުރި ޚިޔާލެއް ނުމެދީ ފާޅުގަ އިދިކީލިވުން ކަމަށެވެ.
ރުކުމާ މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ޣައިރު ގާނޫނީކޮށް ކަޅު ބާޒާރުން ޑޮލަރު ގަންނަ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައެވެ.




