ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށި، މުނިމާގެ / އާދަމް އަދްލާން ލަތީފް (22އ.) ގެ މައްޗަށް އުފުލި ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އަނބުރާ ނަގައިފިއެވެ.
މި މައްސަލައިގައި އަދްލާން ހައްޔަރުކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން މިދިޔަ މެއި މަހު ފުރަތަމަ ނިންމީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށެވެ. ނަމަވެސް އެ ނިންމުން ރިވިއުކުރުމަށް ފުލުހުންގެ ފަރާތުން އެދިގެން، އަލުން ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމައި ދެ ދައުވާއެއް ކޯޓަށް ހުށަހެޅިއެވެ.
އަދްލާންގެ މައްޗަށް ޖިންސީ ކުށުގެ ދެ ދައުވާއެއް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 19 ގައެވެ.
އެއީ:
1- ގާނޫނުލްއުގޫބާތުގެ 246 ވަނަ މާއްދާގެ ދަށުން އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ ސްޓްރޯޖް މީޑިއަމެއްގައި ކުޑަކުއްޖެއްގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ކުށުގެ ދައުވާ: އެއީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެއް. އަސާސީ މިންގަނޑަށް ބަލާއިރު، އެ ދައުވާ ސާބިތުވެއްޖެ ނަމަ، ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ.
2- ގާނޫނުލްއުގޫބާތުގެ 622 ވަނަ މާއްދާގެ ދަށުން އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާ: އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެއް. އަސާސީ މިންގަނޑަށް ބަލާއިރު، އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއްް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ.
އޮންލައިން ނޫސް ”ދައުރު“ އިން ބުނެފައިވަނީ މި ދެ ދައުވާ ވެސް އަނބުރާ ގެންދަން ނިންމައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ކޯޓުން ނަގާފައިކަން އެ ނޫހަަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނަގަން ނިންމި ސަބަބެއް ޕީޖީ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



