މިއަހަރުގެ ހޫނު މޫސުމުގައި ޔޫރަޕަށް ކުރިމަތިވި އާދަޔާޚިލާފު ހޫނުގެ ސަބަބުން ޖަރުމަނުވިލާތުން އެކަނިވެސް 14,000 އެއްހާ މީހުން މަރުވެފައިވާ ކަމަށް ޖަރުމަނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖަރުމަނުގެ ރޮބަޓް ކޮޗް އިންސްޓިޓިއުޓުން ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިއީ 2018 ވަނަ އަހަރު ރެކޯޑުކުރެވުނު 8,900 މަރުގެ އަދަދަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ.
ސިއްހީ އިދާރާތަކުން ބުނިގޮތުގައި، މި އަދަދުގެ ތެރެއިން 9,600 މީހުން މަރުވެފައިވަނީ ހަމައެކަނި ޖޫން މަހުގެ ފަހު ހަފުތާގެ ތެރޭގައެވެ. އެ މުއްދަތުގައި ޖަރުމަނުގެ ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ރެކޯޑުކުރެވިފައެވެ. މި ހޫނުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 75 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނެވެ. މިކަމާ ގުޅިގެން ޖަރުމަނުގެ ކުރީގެ ސިއްހީ ވަޒީރު ކާލް ލޯޓަބާޚް ވިދާޅުވީ، ހޫނުގެ ސަބަބުން އެހެނިހެން ސިއްހީ މައްސަލަތައް އިތުރަށް ގޯސްވެގެން މަރުވާ މީހުން ގިނަކަމުން، ހަގީގީ މަރުގެ އަދަދު މިއަށްވުރެ މަތިވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން، ވިއްސާރަނުވެ ގިނަ ދުވަސްވުމާއި ގަދަ ހޫނުގެ ސަބަބުން ޖަރުމަނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. މީގެ ތެރޭގައި ޖަންގަލިތަކުގައި އަލިފާން ރޯވުމާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވުމުގެ އިތުރުން މުދާ އުފުލުމަށް ބޭނުންކުރާ މުހިންމު ކޯރުތަކުގެ ފެން ހިކުމުގެ ސަބަބުން އުފެދުނު ދަތިތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަންގެ އެސްޕީޑީ ޕާޓީގެ ވަޒީރުން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތިމާވެށި ހިމާޔަތްކުރުމާ ގުޅޭ ކަންކަން ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލައްވާފައެވެ. ހަމައެއާއެކު، ޖަރުމަނުގެ ސިޓީތަކާއި މުނިސިޕަލްޓީތަކުގެ ޖަމްއިއްޔާއިން ބުނެފައިވަނީ، ހޮސްޕިޓަލްތަކާއި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި އޭސީ ހަރުކުރުމަށާއި މޫސުމީ ކާރިސާތަކަށް ތައްޔާރުވުމަށް މަދުވެގެން 20 ބިލިއަން ޔޫރޯގެ އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށެވެ.
ހޫނުގެ ނޭދެވޭ އަސަރު ޔޫރަޕުގެ އެހެން ގައުމުތަކަށްވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން ޖޫން 1 އިން ފެށިގެން މިހާތަނަށް ސްޕެއިންއިން ހޫނާ ގުޅުންހުރި 4,500 މަރު ރެކޯޑުކޮށްފައިވާއިރު، ފަރަންސޭސިވިލާތުން 7,300 އަށްވުރެ ގިނަ މީހުން ވަނީ މި ސަބަބާ ހުރެ މަރުވެފައެވެ.



