ބަންގްލަދޭޝްގެ އާ ރައީސަކަށް، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރު އިންތިހާބުކޮށްފިއެވެ.
ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އާލަމްގީރު ވަނީ 255 ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާފައެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އޮލީ އަހުމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
އާ ރައީސަކު އިންތިހާބުކޮށްފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވެރިކަމުން ދުރުކޮށް، ޣައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައިވާ ޝައިހް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ ޝަހާބުއްދީން ޖުލައި މަހު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ވަނީ ވިދާޅުވެފައެވެ.
އުމުރުން 78 އަހަރުގެ އާލަމްގީރު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވީ ޑާކާ ޔުނިވަސިޓީގައި އިގްތިސާދީ ދާއިރާއިން ކިޔަވާވިދާޅުވަމުންނެވެ. އޭނާއަކީ 1971 ގައި ބަންގްލަދޭޝްއަށް މިނިވަންކަން ލިބުމަށް މަގުފަހިވި، 1969 ގެ ޕާކިސްތާނުގެ ސިފައިންގެ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތުގައި އިސް ދައުރެއް އަދާކުރެއްވި ދަރިވަރުންގެ ލީޑަރެކެވެ. ތައުލީމު ނިންމެވުމަށްފަހު ސަރުކާރުގެ ހިދުމަތަށް ނުކުމެވަޑައިގެން، ސިޔާސީ މައިދާނުގައި އެގްރިކަލްޗަރ، އެވިއޭޝަން އަދި ޓޫރިޒަމް މިނިސްޓަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ހަސީނާގެ ވެރިކަމުގައި ބީއެންޕީގެ ވެރިޔާ ޚާލިދާ ޒިޔާ ޖަލުގައި ހުންނެވި ދުވަސްވަރާއި، އޭނާގެ ދަރިކަލުން އަދި މިހާރުގެ ބޮޑުވަޒީރު ތާރިގް ރަހްމާން އަރުވާލެވިގެން ގައުމުން ބޭރުގައި ހުންނެވި ދުވަސްވަރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވުނު އެއް ބޭފުޅަކީ އާލަމްގީރެވެ. އެ ދުވަސްވަރު އޭނާ އެކި ފަހަރު މަތިން ހައްޔަރުކޮށް، ސިޔާސީ މަގުސަދުގައި އުފުލި ގިނަ ދައުވާތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.
އާލްމްގިރި ރައީސް ކަމުގެ ހުވާކުރެއްވުމާ އެކު އާލަމްގީރު ވެވަޑައިގަންނަވާނީ ބަންގްލަދޭޝްގެ 23 ވަނަ ރައީސަށެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު ”ބަންގަބާބަން“ ގައެވެ.




