އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ އަންހެން ފަތުރުވެރިންނެވެ. އަދި 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރު ފުރާއެއްގައިވެސް ގިނައީ އަންހެން ފަތުރުވެރިންކަން ތަފާސްހިސާބުތަކުން ފާހަގަކުރެއެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %14 ހިއްސާކުރަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %11.8 ހިއްސާއާއެކު 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ.
ފިރިހެން ފަތުރުވެރިންގެ ތެރެއިން ރާއްޖޭގެ މަޤްބޫލްކަން އެންމެ ބޮޑީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަދި 25 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރު ފުރާއެވެ.
ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނަށް ބަލާލާއިރު، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައީ ރަޝިއާ ފަތުރުވެރިންނެވެ.
މި ދެ ޤައުމުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެޤައުމުން ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.



