ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމުގެ މަޤްސަދުގައި، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ކްލައިމެޓް ޗޭންގް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް އަމަލީގޮތުން ހިންގާނެ ގޮތުގެ ހުނަރު މުވައްޒަފުންނަށް ދަސްކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގައި ހުންނަ ކަރަންޓު ދޭ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަދި ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގެ ފަންނީ ޓީމުތަކުން ވެސް ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ، އަލަށް ތަޢާރަފުކުރެވުނު މި ޒަމާނީ ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދުވަހުން ދުވަހަށް ދިމާވެދާނެ އެކިއެކި ޓެކްނިކަލް މައްސަލަތައް އަމިއްލައަށް ހައްލުކުރުމުގެ ޤާބިލުކަމާއި ޢަމަލީ ތަޖުރިބާ ދިވެހި ފަންނުވެރިންނަށް ހޯދައިދިނުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.




