ލ. މާބައިދޫގައި ސަރުކާރުން ޤާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުންކުރަން ފަށާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މި އައިސްޕްލާންޓް ޤާއިމްކޮށް ހިންގުމަށް ހަވާލުކޮށްފައިވަނީ މިފްކޯ އާއެވެ.
މާބައިދޫގައި ތަރައްޤީކުރަމުންދަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، މާބައިދޫގައި ޤާއިމުކުރާ މި އައިސްޕްލާންޓުގެ %85 މަސައްކަތް ނިމި، މި އަހަރު ތެރޭގައި ހުޅުވިގެންދާނެކަމަށެވެ.
މިހާރު އެ ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ އައިސްޕްލާންޓަށް ބޭނުންވާ ޑީސެލް ޓޭންކް ބެހެއްޓުމުގެ މަސައްކަތާއި އިމާރާތުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.
މާބައިދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމި، މި އައިސްޕްލާންޓުން ޚިދުމަތް ދޭން ފެށުމުން، އެ ރަށުގެ އިތުރުން ލ. އަތޮޅުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢަކީ އެ ސަރަޙައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ތާޒާ އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.


