ތިލަމާލެ ބްރިޖު މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެއާ ދެމެދު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ފެށި މި މަސައްކަތާއެކު މާލެއާއި ވިލިމާލެ ދެމެދުގެ ބްރިޖުގެ ސުޕަސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލުމަށްޓަކައި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މިއަދު ވަނީ ނޫސްވެރިން އެ ސަރަޙައްދަށް ގެންގޮސް މަޢުލޫމާތު ހިއްސާކޮށްފައެވެ.
އަދި މި ސެގްމަންޓު ގުޅުވާލުމަށްފަހު ދެން ކުރިއަށްދާނީ ބްރިޖުގެ ރެއިލިންތައް ހަރުކުރުމާއި، ތާރު އެޅުމުގެ އިތުރުން ފިނިޝިން މަސައްކަތްތައް ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި ހުރިހާ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަދި ވަގުތުތަކެއް ނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން މިދިޔަ މަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިން ބުނެފައި ވަނީ، ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާލެވިފައި ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މާލެއާއި ވިލިމާލެ ބްރިޖަކުން ގުޅާލެވިގެން ދިޔުމަކީ ދަތުރުފަތުރުގެ ދަތިކަން ހައްލުވެ، ފަސޭހަކަމާއެކު ދެ ރަށް ދެމެދު ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމެކެވެ.




