”އަގުމަގު ޕޯޓަލް“ ގެ ބޭނުން ހިފާ ފަރާތްތަކާއި އެ ޕްލެޓްފޯމުގައި ރަޖިސްޓަރީވާ ވިޔަފާރިތަކުގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ސައީދު ވަނީ މިހާތަނަށް 2،224 ވިޔަފާރިއަކުން އެ ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ވިދާޅުވެ އަދި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، ކޮންމެ ދުވަހަކު ވެސް 2،724 މީހަކު އެ ޚިދުމަތް ހޯދަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ”އަގުމަގު ޕޯޓަލް“ އެޕްލިކޭޝަން ޑައުންލޯޑްކުރި މީހުންގެ އަދަދު 3،300 އަށް އަރާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހު އާންމުކުރި އެ ޕޯޓަލްގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ފަސޭހަކާއެކު އަސާސީ ބާވަތްތަކުގެ އަގުތައް ބަލައި، ވިޔަފާރިތަކުގެ އަގުތައް އަޅައިކިޔޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުމެވެ. ފުރަތަމަ މާލެ ސަރަހައްދުގެ ފިހާރަތަކަށް އެކަނި ހާއްސަކޮށްގެން ފެށި އެ ޚިދުމަތް މިހާރު ވަނީ މޮބައިލް އެޕްލިކޭޝަނަކާއެކު މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.
ބާޒާރުގައި ތަކެތީގެ އަގު ހުރި ނެތް ގޮތް ބެލޭނެ ”އަގުމަގު ޕޯޓަލް“ ލޯންޗުކޮށްފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ. އެ ޕޯޓަލްގެ ޒަރިއްޔާއިން އަތޮޅުތަކުގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެއެވެ. އެ އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނައިރު ގަންނަ ތަކެތި ބާޒާރުގައި ލިބެން ހުރި އެންމެ ފަހުގެ އަގުތައް ބަލާލެވޭނެއެވެ.
އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖްކޮށް އަގު އަދި އެންމެ ބޮޑު އަގުވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައި ބަދަލުތައްވެސް ބަލައިގަނެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.



