މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
މި ސަރުކާރުން ތައާރަފްކުރި ބޯހިޔާވަހިކަމުގެ ސްކީމް ”އާއިލީ ބޯހިޔާވަހިކަން“ އަދި ”ގޯތިގެދޮރު“ ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ފުރުސަތު މިދިޔަ ޖޫން މަހުގެ ތެރޭގައި ހަމަވި އިރު، ޖުމްލަ 58،000އަށް ވުރެ ގިނަ މީހުން ވަނީ ބޯހިޔާވަހިކަމަށް އެދިފައެވެ.
މިކަމާ ބެހޭގޮތުން ހައުސިންގް މިނިސްޓްރީން މިއަދު ބުނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ހުށަހަޅާފައިވާ މައުލޫމާތާއި މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކުން ފޮނުވާފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، ފޯމުގައިވާ މައުލޫމާތުގައި ފުށުއެރުމެއްވާ ނަމަ އެކަން ހުށަހެޅި ފަރާތަށް އަންގާނެ ކަމަށާއި އެކަން އަންގާނީ ”ބޯހިޔާވަހިކަން“ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ނަމަ، އެކަމުގެ ތަފްސީލާއި ކަމާ ގުޅުން ހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ ޕޯޓަލްގައި، އެޕްލިކޭޝަނަށް އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރިހަމަ ކުރި އިރު ހިއްސާކޮށްފައިވާ މޮބައިލް ނަމްބަރަށް މެސެޖަކުން އަންގާނެ ކަމަށެވެ.
”މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެ“ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.




