ރައީސް އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ ފަސް ރައީސުން ބޭނުންކުރެެއްވި މޭޒެއް ނޫން ކަމަށާއި އެ މޭޒު ނީލަމަށް ލާފައިވަނީ އޭގައި ކަތުރުފަނި އެޅުމުން ކަމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އެ މޭޒާ ގުޅުވައި މީޑިއާގައި ދެއްކެވޭ ވާހަކަތަކާ ބެހޭގޮތުން މުންދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ ކުރީގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންކުރެއްވި ރަސްމީ މޭޒެއް ނޫން ކަމަށެވެ.
އެ ފޮޓޯގައިވާ މޭޒު ނީލަމަށް ލާންޖެހުނީ ކަތުރުފަނިއަޅައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން ދައުލަތުގެ މިފަދަ މުދާ ނީލަމަށް ލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ރައީސް އޮފީހުން އެގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއް ވެސް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ އެ ނިޝާން ނައްޓާލުމަށް ފަހުގައި ކަމަށެވެ.
”ނަމަވެސް، ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެ ވަނީ ބަދަލުތަކެއް ގެނެސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފަ އެވެ،“ މުންދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.




