ނޭޕާލަށް މި ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކޮށް އަލުން އާރާސްތުކުރުމަށް 4 ބިލިޔަނާއި 5 ބިލިޔަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށް އެ ޤައުމުގެ މާލީ ވަޒީރު ސުވަރްނީމް ވާގްލީ ވިދާޅުވެއްޖެއެވެ.
މާލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއީ އެ ޤައުމުގެ ޖުމްލަ އިޤުތިޞާދުގެ ގާތްގަނޑަކަށް ދިހަބައިކުޅަ އެއްބައެވެ.
ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އަދިވެސް ހިނގަމުންދާއިރު، 2015 ވަނަ އަހަރު ކުރިމަތިވި ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ހޭދަވި 9 ބިލިޔަން ޑޮލަރާ އަޅާބަލާއިރު މި ފަހަރު ބޭނުންވާ އަދަދު ކުޑަވާނެ ކަމަށް އޭނާ އަންދާޒާ ކުރައްވައެވެ.
މި ހާދިސާ ހިނގާފައިވަނީ އޮގަސްޓު 26 ވަނަ ދުވަހު ނޭޕާލުގެ ފަރުބަދަމަތީ ސަރަޙައްދެއްގެ ބޮޑު ގަނޑުފެންގަނޑަކުން (ގްލޭސިޔަރ) ބައެއް ކަނޑައިގެން ގޮސް، ހިމާލަޔާ ފަރުބަދައިގެ ކޯރުތަކުގައި ކުއްލިއަކަށް ފެންބޮޑުވެ، ގަނޑުފެނާއި ކިސަޑު އަދި ހިލަތައް ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ އަދަދު 600 އަށް އަރާފައިވާއިރު، 3,000 އެއްހާ މީހުން ގެއްލިފައިވާ ކަމަށް ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ނޭޕާލާއި ޓިބެޓް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައިވާ ގިނަ އަވަށްތައް ސުންނާފަތިވެ، މުހިންމު މަގުތަކާއި ބުރިޖުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެއިތުރުން، ނޭޕާލުގައި ފެނުން ކަރަންޓު އުފައްދާ މަރުކަޒުތަކަށް ލިބުނު ގެއްލުމުގެ ސަބަބުން، އެ ޤައުމުގައި އުފައްދާ ކަރަންޓުގެ 12 އިންސައްތަ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.
ޤުދުރަތީ ކާރިސާތަކުގެ ނުރައްކާ އަބަދުވެސް އޮންނަ ނޭޕާލުގައި، 2015 ވަނަ އަހަރުގެ ބިންހެލުމުގައި 9,000 މީހުން މަރުވެފައިވެއެވެ. ނޭޕާލުގެ އިޤުތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ހަކަތައިގެ ދާއިރާއަށާއި ބޭރު ޤައުމުތަކުގައި މަސައްކަތްކުރާ މީހުން ފޮނުވާ ފައިސާއަށެވެ.



