ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ފުންނާބު އުސް ތަރި ކަމަށްވާ މަރިޔަމް އައްޒަގެ އެންމެ ފުރަތަމަ ޕްރޮޑަކްޝަން ”ދެވި“ ގެ ލަވަތައް މާދަމާ ރަސްމީކޮށް ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ.
ރެޑް ކާޕެޓް އިވެންޓަކާއެކު އާންމުންނަށް ވެސް ހުޅުވާލާފައިވާ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
”ދެވި“ ގެ ލަވަތައް ކިޔާދީފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ލަމްހާ ލަތީފު، ފާލިހް އާދަމް، ރާޔާ، އިކުރާމް މުހައްމަދު، މަރިޔަމް އަޝްފާ އަދި މުހައްމަދު މައިސާން (ބޮކީޓޯސް) އެވެ. އެނގިފައިވާ ގޮތުގައި މި ހަ ފަންނާނުންވެސް މާދަމާ ރޭގެ ޚާއްސަ ރަސްމިއްޔާތުގައި ހަރަކާތްތެރިވާނެއެވެ.

ލީޑް ރޯލުގެ އިތުރުން ޑަބަލް ރޯލަކުން ވެސް އައްޒަ ފެނިގެންދާ މި ފިލްމަކީ ޔާރާ ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ. ޔާރާގެ އިތުރުން، ”ޑިއޯން“، ”ވިޝާލް ޒަކީ“، ”އާރް ޓޫ ޒެޑް“، ”ލައިޓްސް އައުޓް“ އަދި ”އަބްދުﷲ މުއާޒް“ ޕްރޮޑަކްޝަންސް ވެސް މި ފިލްމު އުފެއްދުމުގައި ބައިވެރިވެފައިވެއެވެ. އަދި މިއީ މަޝްހޫރު ޑިޒައިނަރ/ އެކްޓަރ ހުސެއިން ޝަދްޔާން ހާޒިމް (ސޭންޑީ) ލިޔެ ޑައިރެކްޓު ކޮށްފައިވާ ފުރަތަމަ ފިލްމުވެސް މެއެވެ. އޭނާއާއެކު މި ފިލްމު ލިޔުނީ މިހާރު ޑައިރެކްޝަންގެ ދާއިރާއަށް ވެސް އާ ނަމަކަށް ނުވާ މަޝްހޫރު ޓީވީ/ރޭޑިއޯ ޕްރެޒެންޓަރ ޝަހުދާ މަހްމޫދު އެވެ.

ވަރަށް ވެސް ބިރުވެރި މަންޒަރުތަކަކާއި އަދި އެހާމެ ހޫނުގަދަ ލޯބީގެ މަންޒަރުތަކެއް ވެސް ހިމެނޭ މި ފިލްމުގެ ޓްރެއިލަރ މިމަހުގެ 15 ގައި އާއްމު ކުރުމާއެކު ގިނަ ބައެއްގެ މެދުގައި މި ފިލްމު ބެލުމުގެ ޝައުޤުވެރިކަން މިހާރު ވަނީ އިތުރުވެފައެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި މި ފިލްމަކީ ގިނަ އަހަރުތަކެއް ފަހުން އައްޒަގެ ފަރާތުން ބިރުވެރި އަދި އެހާމެ ތަފާތު ރޯލެއް ފެންނާނެ ފިލްމެކެވެ.

އައްޒަގެ އިތުރުން މި ފިލްމުން ދެން ފާހަގަކޮށްލެވޭ އިތުރު ތަރިންނަކީ، މިހާރު ދިވެހި ފިލްމީ ދާއިރާގައި އެންމެ ކުރިއަރާފައިވާ ފިރިހެން ތަރި ޝަރަފް އަބްދުﷲ އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން ހަމްދާން ސަލީމް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ނިމާލް، ރިޝްމީ ރަމީޒް، އާމިރާ، އާމިނަތު ރަޝީދާ، އަހުމަދު ރިޝްވާން، އަހުމަދު އީސަ، އައިޝަތު ރާއިޝާ އަދި މަލީހާ ވަހީދު (މަލް) އެވެ.
މި ފިލްމު އޮލިމްޕަސް ސްކްރީނަށް އަންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.




