ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ނޭޕާލަށް އެހީތެރިވުމުގެ ގޮތުން 3.6 މިލިޔަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެހީގެ ދަށުން ކާރިސާގެ އަސަރުކުރި 10,000 ގޭބީސީއަކަށް ތިން މަސްދުވަހަށް ވާވަރަށް ކާބޯތަކެތި ފޯރުކޮށްދެވޭނެއެވެ.
މި އެހީއަކީ މިފަދަ ދަތި ދަނޑިވަޅެއްގައި އެމެރިކާއިން ނޭޕާލުގެ ރައްޔިތުންނާއެކު ސާބިތުވެ ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދޭ އެހީއެއް ކަމަށް ވެސް އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ. ޚާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، އެ ޤައުމުގެ އެންމެ އިސް މަޤްޞަދަކީ ކާރިސާގެ އަސަރު ފޯރި އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެގޮތުން ނޭޕާލާއި ޗައިނާގައި ހުންނަ އެމެރިކާގެ އެމްބަސީތަކުން ދަނީ އެ ޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އޮގަސްޓު 26 ވަނަ ދުވަހު ނޭޕާލުގެ ފަރުބަދަމަތީ ސަރަޙައްދަކުން ގްލޭސިއަރެއްގެ ބައެއް ކަނޑައިގެން ގޮސް، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި ކިސަޑު އަދި ގަނޑުފެން ފޭބުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ ޢަދަދު 700 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ގެއްލިފައިވާ 3,000 އެއްހާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، ގެއްލުނު މީހުންގެ ތެރޭގައި އެކި ޤައުމުތަކުގެ 589 މީހުން ހިމެނޭއިރު، އޭގެ ތެރޭގައި އެމެރިކާގެ ގާތްގަނޑަކަށް 100 މީހުން ހިމެނެއެވެ.
ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ގިނަ ބަޔަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ 261 މީހުން ހިމެނޭ ކަމަށް ނޭޕާލުގެ ޓޫރިޒަމް ބޯޑުން ވަނީ ކަށަވަރުކޮށްދީފައެވެ.



