އެމެރިކާއިން އީރާނުގެ އެކި ސަރަޙައްދުތަކަށް އަލުން ދޭންފެށި ވަރުގަދަ ޙަމަލާތަކާއި، ޔަހޫދީ ދައުލަތުން ދެމުންދާ އިންޒާރުތަކާ ގުޅިގެން މެދުއިރުމަތީގެ ތެޔޮ ސަޕްލައިއަށް ހުރަސްއެޅިދާނެކަމުގެ ބިރު ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ފާއިތުވި ހަ ހަފުތާގެ އެންމެ މަތީ މިންވަރަށް އުފުލިއްޖެއެވެ.
ވިދިވިދިގެން ހަތަރު ދުވަހު ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކުން 1.66 ޑޮލަރު (1.7 އިންސައްތަ) މައްޗަށް ގޮސް 97.29 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަ މީޑިއޭޓް (ޑަބްލިޔުޓީއައި) ކްރޫޑްގެ އަގު ފީފާއަކުން 2.03 ޑޮލަރު (2.2 އިންސައްތަ) އުފުލި، 93.04 ޑޮލަރަށް ވަނީ އަރާފައެވެ.
އީރާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި، އެމެރިކާގެ މި ޙަމަލާތަކުގައި 18 މީހުން ޝަހީދުވެ، 108 މީހުން ވަނީ ޒަޚަމްވެފައެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި، މީގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ކައިރީގައި އޮތް ކައިވެނި ޙަފްލާއަކަށް ދިން ޙަމަލާއެއްގައި އާންމުންގެ 4 މީހަކު ޝަހީދުވެ، 67 މީހުން ޒަޚަމްވި ހާދިސާ ހިމެނެއެވެ. މީގެ އިތުރުން އީރާނުގެ ވައިގެ ސިފައިންގެ 3 ޕައިލެޓުން މި ޙަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ހަނގުރާމައަށް ހަތް މަސް ވީފަހުން، މިއީ ޖުލައި މަހަށްފަހު އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު އެންމެ ވަރުގަދަ ޙަމަލާތަކެވެ.
މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، އީރާނުން ރައްދު ޙަމަލާއެއް ދީފިނަމަ އެ ޤައުމުގެ އަސްކަރީ، ޢުމްރާނީ އަދި ހަކަތައިގެ މަރުކަޒުތައް ސުންނާފަތިކޮށްލާނެ ކަމަށް ޔަހޫދީ ދިފާޢީ ވަޒީރު ވަނީ އިންޒާރުދީފައެވެ. ސެކްސޯ ބޭންކުގެ މާކެޓް އެނަލިސްޓް އޯލޭ ހެންސަން ވިދާޅުވީ ތެލުގެ އަގު އުފުލުމުގެ މައިގަނޑު ސަބަބަކީ ޔަހޫދީންގެ މި އިންޒާރުތައް ކަމަށެވެ.
މި ނުތަނަވަސްކަމާއެކު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ވަރަށް ބޮޑަށް މަދުވެފައިވާއިރު، އިއްޔެ އެ ސަރަޙައްދުން ދަތުރުކުރީ މުދާ އުފުލާ 6 އުޅަނދެވެ. އޭގެ ކުރީ ދުވަހު 11 އުޅަނދު ދަތުރުކުރި ނަމަވެސް، މިއީ އާންމުކޮށް ދުވާލަކު ދަތުރުކުރާ 13 އުޅަނދަށްވުރެ ބޮޑުތަން ދަށް އަދަދެކެވެ.
ޔޫބީއެސްގެ އެނާޖީ އެނަލިސްޓް ޖިއޮވާނީ ސްޓައުނޯވޯ ފާހަގަކުރެއްވި ގޮތުގައި ތެލުގެ އަގު މަތީގައި ހިފެހެއްޓިފައިވަނީ ދުނިޔޭގެ ތެޔޮ ރިޒާވް ދަށްވުމާއި މި ހަމަނުޖެހުންތަކާ ހުރެއެވެ.


