އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ފެތުރެމުންދާ ބޯ ދުމުގެ ސަބަބުން، މެލޭޝިޔާގެ ސަރަވަކް ސްޓޭޓްގެ ސެރިއަން އަވަށުގައި ވައިގެ ނުސާފުކަން އިންތިހާއަށް މަތިވެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.
ބޯނިއޯ ޖަޒީރާގައި އޮންނަ ސަރަވަކްގެ އެކި ސަރަޙައްދުތަކަށް ވައި ތަޣައްޔަރުވުމުގެ އަސަރު ފޯރަމުންދާއިރު، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ބައެއް ސަރަޙައްދުތަކުގެ ސްކޫލްތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
މެލޭޝިޔާގެ މިންގަނޑުތައް ބަޔާންކުރާ ގޮތުގައި، ވައިގެ ތަޣައްޔަރުކަން ނުވަތަ އެއަރ ޕޮލިއުޝަން އިންޑެކްސް (އޭޕީއައި) 300 އަށްވުރެ މަތިވުމަކީ ޞިއްޙަތަށް ނުރައްކާތެރި ޙާލަތެކެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން ޖެހޭ މިންވަރަކީ 500 ކަމަށްވާއިރު، ހުކުރު ދުވަހުގެ ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި ސެރިއަންގެ އޭޕީއައި ރީޑިންގ ވަނީ 519 އަށް އުފުލިފައެވެ. މިއީ އާންމުންގެ ދުޅަހެޔޮކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ސަރަވަކްގެ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޗެއަރމަން ޑަގްލަސް އުގާ އެމްބާސް ވިދާޅުވި ގޮތުގައި، މި ކުއްލި ޙާލަތު އިޢުލާނުކުރަން ސްޓޭޓް ސަރުކާރުން އެދުނީ އޭޕީއައި 500 އަށްވުރެ މައްޗަށް ދިޔުމާ ގުޅިގެންނެވެ. މި ފިޔަވަޅު ތަންފީޛުކުރެވެނީ ސެރިއަންގެ 20 ކިލޯމީޓަރުގެ ސަރަޙައްދަކަށް ނަމަވެސް، އާންމު ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ.
އެގޮތުން ބޭންކުތަކާއި، ސުޕަމާކެޓްތަކުގެ އިތުރުން ޕެޓްރޯލް ޝެޑްތައް ހުޅުވައިގެން ޚިދުމަތް ދެމުންދާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން ވައި ސާފުކުރުމަށްޓަކައި ވާރޭ ވެއްސުވުމުގެ މަޤްޞަދުގައި ”ކްލައުޑް-ސީޑިންގ“ ގެ ޚާއްޞަ އޮޕަރޭޝަންތަކެއްވެސް ދަނީ ހިންގަމުންނެވެ.



