އިންޑޮނޭޝިއާގެ އިރުމަތީގައިވާ ސެންޓްރަލް ޕަޕުއާ ސަރަހައްދުގެ ޕަނިއައި އަވަށުގެ މާރުކޭޓެއްގައި، ހިނގި އަލިފާނުގެ ޙާދިސާއެއްގައި 6 ކުޑަކުދިން ހިމެނޭހެން 11 މީހަކު މަރުވެއްޖެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގުމާއެކު، ރޯވި އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ކައިރީގައި ހުރި ފިހާރަތަކަށާއި ޢިމާރާތްތަކަށް ފެތުރިގެންދިޔައެވެ.
ސަރަޙައްދީ ފުލުހުންގެ ތަރުޖަމާނު ހެންރީ ޖޭ. މަނުރުންގް ނެރުއްވި ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްފަހު އެ ސަރަޙައްދު ބަލައި ފާސްކުރިއިރު، އެއްކޮށް ފިހިގެން މަރުވެފައިވާ 11 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މަރުވި މީހުންގެ ތެރޭގައި 5 ބޮޑެތި މީހުންގެ އިތުރުން، އުމުރުން 2 އަހަރާއި 9 އަހަރާ ދެމެދުގެ 6 ކުޑަކުދިން ހިމެނޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަދި މި ހާދިސާގައި 20 މީހަކަށް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާއިރު، އަލިފާނުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި 148 ރައްޔިތަކު ވަނީ އެމީހުންގެ ގެދޮރު ދޫކޮށް އަމާން ސަރަޙައްދުތަކަށް ބަދަލުވެފައެވެ.
މި އަލިފާނުގެ ޙާދިސާ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތިން ގަޑިއިރަށްވުރެ ދިގުދެމިގެންދިޔައެވެ. އަލިފާން ނިއްވާ ލޮރީތަކާއި ވޯޓަރ ކެނަންތައް ބޭނުންކޮށްގެން ސަލާމަތީ ބާރުތަކުން ބޮޑެތި މަސައްކަތްތަކެއް ކުރި ނަމަވެސް، އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވުނީ ގިނަ އިރުތަކެއް ފަހުންނެވެ. އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވީ، އަލިފާނުގެ ބާރުގަދަކަމުންނާއި، މާރުކޭޓުގެ ފިހާރަތަކާއި އާންމުންގެ ގެދޮރު އެއްތަނެއްގައި ތޮއްޖެހިފައި ހުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި މަދުވެގެން 40 އަށްވުރެ ގިނަ ފިހާރައާއި އާންމުންގެ ގެދޮރު ވަނީ މުޅިން އަނދައި އަޅިއަށް ވެފައެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޚާއްޞަ ތަޙުޤީޤެއް ހިންގަމުންނެވެ.




