އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އެ ޤައުމުގެ އެކި އެއާޕޯޓުތަކުން ފުރަން ހަމަޖެހިފައި އޮތް 1،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ އެތައް ހާސް ފަސިންޖަރުންނެއް ތާށިވެއްޖެއެވެ
އިއްޔެ ދިމާވި މި މައްސަލަ ހައްލުކޮށް، މިއަދު ހެނދުނު އަލުން ދަތުރުތައް ފެށި ނަމަވެސް، ޝެޑިއުލްތައް އާންމު ހާލަތަށް ގެނައުމަށް ވަގުތު ބޭނުންވާނެ ކަމަށް އެއާޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގެ އަސަރު އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓު ކަމަށްވާ ހީތުރޯ އަދި ގެޓްވިކްގެ އިތުރުން ލިވަޕޫލް، ބަރމިންގހަމް، އެޑިންބަރާ އަދި އަޔަލެންޑުގެ ޑަބްލިން އެއާޕޯޓަށް ވެސް ވަނީ ފޯރާފައެވެ. އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ހެއިޑީ އެލެގްޒެންޑަރ ވިދާޅުވީ، ޓެކްނީޝަނުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ދަތުރުވެރިން މާޔޫސްވާނެ ކަމަށެވެ. އަދި އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިންތަކާ ގުޅައިގެން މައުލޫމާތު އޮޅުންފިލުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން ވިލާތުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ރަޔަންއެއާއިން 200 އަށް ވުރެ ގިނަ ދަތުރު ކެންސަލްކުރަން ޖެހުނުއިރު، ގާތްގަނޑަކަށް 150،000 ފަސިންޖަރުންނަށް ވަނީ އަސަރުކޮށްފައެވެ. ހަމައެއާއެކު، ބްރިޓިޝް އެއާވޭޒްގެ 100 ފްލައިޓެއް ކެންސަލްކޮށް ނުވަތަ ޑައިވާޓްކުރަން ޖެހުމުން އެތައް ހާސް ދަތުރުވެރިންނަކަށް ދަތިތަކާ ކުރިމަތިވިއެވެ.
ބޯޓުތަކާއި ކްރޫންގެ ތަރުތީބު އަލުން ހަމަޖައްސަން ޖެހުމާ ގުޅިގެން، ދަތުރުތަކުގެ ވަގުތުތަކަށް ބަދަލު އަންނާނެ ކަމަށް ހީތުރޯ އެއާޕޯޓުން ބުންޏެވެ.



