ސޫރިޔާގެ އިދްލިބް ޕްރޮވިންސުގެ ސަރްމަދާ ސިޓީގައި ހުންނަ ހަތިޔާރު ރައްކާކުރާ ވަގުތީ ގުދަނެއް ގޮވުމުގެ ސަބަބުން މަދުވެގެން 14 މީހުން މަރުވެ، 11 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސޫރިޔާގެ ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ގުދަނަކީ އެހެން ތަނަކަށް ގެންދިއުމުގެ ކުރިން ހަނގުރާމައިގައި ބޭނުން ނުކޮށް ބާކީވެފައި ހުރި ބައެއް ތަކެއްޗާއި ހަތިޔާރު ވަގުތީ ގޮތުން ބަހައްޓާފައި ހުރި ތަނެކެވެ.
މި ހާދިސާގައި ދިފާޢީ ވުޒާރާގެ ބައެއް މުވައްޒަފުންނަށް ވެސް އަނިޔާތައް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ހާދިސާ ހިނގި ސަރަޙައްދުގައި އަލިފާން ނިވާ ޓީމުތަކާއި މަދަނީ ދިފާޢީ ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، މައި ގޮވުމަށްފަހު އިތުރު ގޮވުންތައް ގޮވަމުންދާތީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.
މިފަދަ ނުރައްކާތެރި ހާދިސާއެއް ސެޕްޓެމްބަރު 1 ވަނަ ދުވަހު ވެސް އިދްލިބްގެ ބިއްނިޝްގައި ހިނގާފައިވެއެވެ. އެ ދުވަހު ހަތިޔާރު ބަރުކޮށްފައިވާ އުޅަނދެއް ގޮވައިގެން ހިނގި ހާދިސާގައި 5 މީހުން މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.



