އިސްލާމްދީނުގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށާއި، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މައުޞޫއަށް މިއަދު ދިން ޚުޠުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ހިމެނެއެވެ.
އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ﷺ ވަނީ މައްކާ އާއި ޙައްޖު މަހާއި ޙައްޖު ދުވަހުގެ ޙުރުމަތްތެރިކަން ފަދައިން، މުސްލިމުންގެ ލެޔާއި މުދަލާއި އަބުރު ވެސް ޙުރުމަތްތެރި ކުރައްވާފައިވާކަން ބަޔާންކުރައްވާފައެވެ.
އަބުރު ގެއްލުވައިލުމަކީ މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، އަބުރު ކަތިލެވޭ މީހާއަށް ބޭރުފުށުން އެއްވެސް ޒަޚަމެއް ނުފެނުނު ކަމުގައި ވިޔަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެއް ކަމަށެވެ. މީގެ އިތުރުން، މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތް ގެފުޅުގެ ޙުރުމަތަށް ވުރެ ވެސް މަތިވެރިވެގެންވާ ކަމަށް ޙަދީޘްފުޅުތަކުން އެނގޭއިރު، އާދަމުގެ ދަރިއެއްގެ އަބުރު ކަތިލައި ނިކަމެތިކުރުމުގެ ފާފަ އިންތިހާއަށް ބޮޑު ކަމުގައި ބުންޏެވެ.
އަދި މީހުންގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމާއި، ގޯސްކޮށް ހީކުރުމާއި، ޖާސޫސްކުރުމާއި ޣީބަބުނުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަންކަން ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެގޮތުން ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކޮށް ހަތަރު ހެކިން ނުގެނެވުނު މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދުޖެހުމަށް ޝަރީޢަތުގައި ކަނޑައަޅާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
މިއަދުގެ ދުނިޔޭގައި މީސްމީޑިއާ (ސޯޝަލް މީޑިއާ) ބޭނުންކޮށްގެން، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ތެދުދޮގު ބެލުމެއް ނެތި މީހުންގެ އަބުރު ކަތިލައި ފަޟީޙަތްކުރަމުންދާ މައްސަލައާ މެދު ޚުޠުބާގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޚާއްޞަކޮށް ޅަދަރިންގެ ކުރިމަތީގައި މިފަދަ ނުރަނގަޅު ނަމޫނާ ދެއްކުމަކީ މާދަމާ ޤައުމުގެ ހުންގާނާ ޙަވާލުވާން ތިބި ޖީލުގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ބުންޏެވެ.
އިންސާނާގެ ދުލުން ބޭރުކުރާ ކޮންމެ ލަފުޒަކާ މެދު ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވޭނެކަން ހަނދާންކޮށްދެއްވަމުން، ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
މީގެ އިތުރުން ތިމާގެ އަމިއްލަ ނަފުސުގެ އަބުރު ވެސް ރައްކާތެރިކޮށް، ޝައްކު އުފެދޭ ފަދަ ކަންކަމުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.




