ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް މުޖުތަމަޢުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައަކު ފާޅުކުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަމުން އެ ކުއްޖާގެ މަންމަ ވަނީ، އޭނާގެ 18 އަހަރުގެ އަންހެން ދަރިފުޅަކީ ކުރެހުމުގެ ރޮނގުން ވަރަށް ހުނަރުވެރި ކުއްޖެއް ނަމަވެސް، އެފަދަ ކުދިންނަށް އެ ހުނަރު ދައްކާލުމުގެ އެކަށީގެންވާ ފުރުޞަތު ރާއްޖޭގައި ނެތްކަން ފާހަގަކޮށްފައެވެ. އެގޮތުން އެންމެ ފަހުން ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަނެއްގައި އެ ކުއްޖާ ބައިވެރިވި ނަމަވެސް، އޯޓިޒަމް ހުންނަ ކުއްޖަކަށް ވާތީ އެ ތަނުގައި ގިނައިރު ނުހުރެވޭނެ ކަމަށް އިންތިޒާމުކުރި ފަރާތުން އެންގި ކަމަށް އޭނާ ބުންޏެވެ. އަދި ދަރިފުޅު މަޑުނުކޮށް ކުރެހުން އެކަނި ބަހައްޓައިދޭން އެދުމުންވެސް އެކަމަށް ޖަވާބެއް ނުލިބުނު ކަމަށް އޭނާ ރައީސަށް ދެންނެވިއެވެ.
އެ ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އެފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން ވީހާވެސް ބޮޑުކުރަން ޖެހޭ ކަމަށާއި، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އެފަދަ ކުދިންނަށް ހަމަހަމަ ފުރުޞަތު އޮންނަންވާނެ ކަމަށެވެ.
”ވަރަށް ބޮޑަށް ބަލައިދޭނަން، ހާއްސަކޮށް ދަރިފުޅުގެ ޓެލެންޓް ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،“ ރައީސް ވިދާޅުވިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކޫލް މާހައުލުންނާއި ވަޒީފާގެ މައިދާނުން ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ކުރިއެރުވުމަށްޓަކައި ޤާއިމުކުރާ **“އެމްޕަވަމަންޓް ހަބް“**ގެ ދެބައިކުޅަ އެއްބައި މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ.
މި މަރުކަޒަކީ ރަސްމީ ތަޢުލީމު ނިންމުމަށްފަހު މުޖުތަމަޢަށް ނުކުންނަ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދީ، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމުގެ ބޭނުމުގައި ޤާއިމުކުރާ ތަނެކެވެ.



