އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާ (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ފޮރިން މިނިސްޓަރު އިރުތިޝާމް ޢާދަމް ރަސްމީ ދަތުރުފުޅެއްގައި އިރާޤަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ މައިގަނޑު އެޖެންޑާގެ ތެރޭގައި ހިމެނެނީ ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރުމާއި، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމެވެ.
އެގޮތުން، ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ހުރިހާ މެންބަރު ޤައުމުތަކުން ގޮވާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙިމާޔަތުގައި އެޅެންހުރި ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ތަންފީޒީ ޕްލޭނަކަށް ޢަމަލުކުރުމަށް ބާރުއެޅުން މި ސެޝަންގައި ހިމެނެއެވެ.
މީގެއިތުރުން، އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ ޤައުމުތަކަށް ކުރިމަތިވާ އިޤްތިޞާދީ ގޮންޖެހުންތަކާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި ދަނޑުވެރިކަމާއި، ޓެކްނޮލޮޖީ، ޑިޖިޓަލައިޒޭޝަންގެ އިތުރުން ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާތަކުން މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން އޯއައިސީގެ މެންބަރެއްގެ ގޮތުގައި 50 އަހަރު ފުރިހަމަކޮށްފައިވާއިރު، މި ދަތުރުފުޅުގެ ހަވާސާގައި ބައްދަލުވުން ބާއްވާ ޤައުމު ކަމަށްވާ އިރާޤުގެ ޚާރިޖީ ވަޒީރުގެ އިތުރުން، އެހެން މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް ރާއްޖޭގެ ފަރާތުން ބައްދަލުކުރައްވައި ދޭދޭ ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.



