މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި ”ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026“ ގައި ރާއްޖޭގެ ކުޅަދާނަ ޝެފް މަހާ ނަސީރަށް ”ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން“ ލިބިއްޖެއެވެ.
ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި މި މަހުގެ 22 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި، ދުނިޔޭގެ މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބުއުސް ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރަމުންގެންދާ މަހާއަކީ، 2022 ވަނަ އަހަރު ”މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް“ އިން ދޭ ”މާސްޓަރ ޝެފް“ ގެ ލަގަބުވެސް ހާސިލުކޮށްފައިވާ ޝެފެކެވެ. މީގެ އިތުރުން މަހާ އަކީ ބައިނަލްއަޤްވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭސަން އޮފް ސެފްސް ސޮސައިޓީ (ވެކްސް)ގެ ކޮންޓިނެޓަލް ޖަޖެކެވެ.
ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑަކީ، ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓްތަކާއި، ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް ވަނީ އެވޯޑު ދީފައެވެ.

ޝެފް މަހާ ހޯއްދި މި ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަގުބޫލުވެގެންދިޔުމަށް މުހިންމު ފިޔަވަޅެކެވެ.



