މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރަކީ ގައުމުގެ ދަރަނި ކުޑަކުރެވި، ކްރެޑިޓް ރޭޓިން މަތިކުރެވުނު 3 އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ގެނެސްދިން ’ނޭޝަން ޗެޓް‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ބޮޑު އިސްކަމެއް ދެއްވީ ގައުމު ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރެއްވުމަށް ކަމަށެވެ. އަދި މި ސަރުކާރު އައިއިރު ގައުމު އޮތީ އިގުތިސާދީ ގޮތުން ޑިފޯލްޓްވުމުގެ ތުންފަތްމަތީގައި ކަމަށާއި، ކަންކަން ރަނގަޅަށް މެނޭޖުނުކުރެވުނު ނަމަ ދެތިން މަސްދުވަހުގެ ތެރޭގައި ގައުމު ޑިފޯލްޓްވީސް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައި، ބޮޑު ސުކޫކެއް ދައްކަންޖެހިފައި އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި އަހަރު ފެށުނުއިރު ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ރެކޯޑު މިންވަރަކަށް ބިނާކުރެވުނު ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ގިނަ ދަރަނިތަކަކުން ސަލާމަތްކޮށްދެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއާއެކު މެދުއިރުމަތީގެ ހަނގުރާމަ ފެށިގެން ދިޔަކަމަށާއި، މިއީ އެއްވެސް ބަޔަކު އެންޓިސިޕޭޓްކޮށްފައި އޮތް ކަމަކަށްނުވާތީ ، މެދުއިރުމަތި މެދުވެރިކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމަކަށް އޭގެ ބޮޑު އަސަރެއް ފޯރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދަރަނި ކުޑަކުރުމުގެ އިތުރުން، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުން އައުމުގެ އިތުބާރު ބޮޑުވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޭރު ފައިސާ މެނޭޖުކުރުމަށާއި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ފުރާ ފަރާތްތަކަށް ހުރި ދަތިތަކަށް ގިނަ ލުއިތަކެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އަދި ޚަރަދު ކުޑަކޮށް، ދައުލަތުގެ ބަޖެޓު ހަރުދަނާކަމާއެކު މެނޭޖުކުރުމަށްޓަކައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައިވެސް ވަރަށް މުހިންމު، ޒިންމާދާރު ފިޔަވަޅުތަކެއް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



