ރާއްޖޭގައި މިވަގުތު ކެންސަރަށް ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްޞަ ޗެމްބަރަކާއެކު ތަރައްޤީކުރާ ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ.
މި ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ތަރައްޤީކުރާ މި ސެންޓަރު ޤާއިމުކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މަސައްކަތް ޙަވާލުކުރި ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އެންޑް ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.
މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއާއި، އެ ވުޒާރާގެ އިސްބޭފުޅުންގެ އިތުރުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް އިޢުލާންކުރައްވާފައިވާ މުހިންމު މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ޚާއްޞަ ފަރުވާތައް ހަރުދަނާކޮށް، ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ބައެއް ހޮސްޕިޓަލްތަކުން މިހާރުވެސް ކެންސަރުގެ ބައެއް ފަރުވާތަކާއި ކީމޯ ތެރަޕީގެ ފަރުވާ ދެމުންދިޔަ ނަމަވެސް، ރޭޑިއޭޝަން ތެރަޕީ، ނިއުކްލިއާރ މެޑިސިން، ޕެޓްސީޓީ ފަދަ މުހިންމު ފަރުވާތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އަދި ނެތް،“ ސީއީއޯ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ ޢާއިލާތަކަށް މާލީ އަދި ނަފްސާނީ ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވައި، މި މަރުކަޒާއެކު ޢާއިލާ ކައިރީގައި ތިބެގެން، އަވަހަށް ބަލި ދެނެގަނެ، ކްލިނިކަލް މޮނިޓަރިންނާއި ފަރުވާގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބަލިމީހުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ ޒަމާނީ ފެންވަރުގައި ލިބޭ ގޮތަށް ފަރުމާކުރެވޭ މި ސެންޓަރުގައި، ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ކުއްލި ޙާލަތްތަކުގައާއި ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑުތަކާއި، ކެންސަރުގެ ސާރޖަރީތަކަށް ޚާއްޞަ އޮޕަރޭޝަން ތިއޭޓަރުތަކާއި، ކީމޯތެރަޕީ ޑޭކެއަރ ޔުނިޓްތަކުގެ އިތުރުން، އެންމެ ފަހުގެ ތްރީޑީ، ސީއާރްޓީއާއި، އައިއެމްއާރްޓީ، އައިޖީއާރްޓީ ޓެކްނޮލޮޖީއާއެކު ރޭޑިއޭޝަން ތެރަޕީގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.
މީގެ އިތުރުން ސީޓީ ސިމިއުލޭޝަނާއި ޕެތޮލޮޖީ ފަދަ ޒަމާނީ ޑައިގްނޯސްޓިކް ޚިދުމަތްތަކާއި، ނަފްސާނީ އެހީތެރިކަމާއި ސަޕޯޓިވް ކެއަރގެ ޚިދުމަތްތައްވެސް މި ސެންޓަރުން ލިބެން ހުންނާނެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް 2028 ވަނަ އަހަރާ ހަމައަށް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށުމެވެ.




