ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 22:00 އާ ހަމައަށެވެ.
މެޓުން ބުނީ، މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މި މަހުގެ 7 އިން 11 އަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރައްވައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭވެހި، މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމާއި، ކަރަންޓު ސާމާނުތައް ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށް އެ އޮތޯރިޓީން އިރުޝާދު ދެއްވައެވެ.
މީގެއިތުރުން، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގަވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ނުރައްކާތެރި މޫސުމުގައި ކަނޑުދަތުރު ނުކުރުމަށް ވެސް އިލްތިމާސްކުރެއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 104.4 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާއިރު، އެ އަތޮޅު ކާޑެއްދޫއަށް 63 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.


