މިދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އުފުލުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން 88 މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން ”އެކްސް“ ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޯސްޓްގާޑުގެ އެކި ސްކޮޑްރަންތައް ގުޅިގެން މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބަލިމީހުން ވަނީ ސިއްހީ ފަރުވާ ދޭ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ރައްކާތެރިކަމާއެކު އުފުލައިދީފައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލިމީހުން އުފުލާފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފަސްޓް ސްކޮޑްރަންއިން އެކަނިވެސް 54 މެޑިކަލް އިވެކުއޭޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ސެކަންޑް ސްކޮޑްރަންއިން 8 އިވެކުއޭޝަން، ތާޑް ސްކޮޑްރަންއިން 14 އިވެކުއޭޝަން އަދި ފޯތު ސްކޮޑްރަންއިން 12 އިވެކުއޭޝަން ވަނީ ފުރިހަމަކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަތޮޅުތަކުގެ އެއް ރަށުން އަނެއް ރަށަށް ސިއްހީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އުފުލުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކެނޑުމެއްނެތި މުހިންމު ޚިދުމަތްތަކެއް އަންނަނީ ދެމުންނެވެ.



