ޙައްޖާއި ޢުމްރާއަށްދާ ދިވެހި ޙައްޖާޖީންނަށް ދޭ އެހީތެރިކަން ހަރުދަނާ ކުރުމާއި، އިސްލާމީ ތަޢުލީމާއި ފަންނީ ތަރައްޤީގެ ފުރުޞަތުތައް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލް ބަދޫރާ ސަޢީދު، އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ، މިއަދު އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޑރ. ޝަހީމް ވަނީ އަލްފާޟިލާ ބަދޫރާ ސަޢީދަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޖިއްދާގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސުލް ޖެނެރަލްގެ މަޤާމަށް އެކަމަނާ ޢައްޔަންކުރެއްވުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ޚާރިޖީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖާއި ޢުމުރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހި ޙައްޖާޖީންނަށް ކޮންސިއުލަރގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ވުޒާރާއާއި ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓާ ދެމެދު އޮންނަ ކޯޑިނޭޝަން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަޢޫދީގައި ތިބޭ މުއްދަތުގައި އެހީތެރިކަން ބޭނުންވާ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކޮންސިއުލޭޓުގެ އެއްބާރުލުން މެދުކެނޑުމެއްނެތި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު ތަޢުލީމީ އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މިގޮތުން، ދިވެހި އިމާމުންނާއި ދަރިވަރުންގެ ޢިލްމީ މަޢުލޫމާތާއި، ޢަރަބި ބަހުގެ ޤާބިލުކަމާއި، އިސްލާމީ ތަޢުލީމީ ދާއިރާގެ ފަންނީ ކުޅަދާނަކަން އިތުރުކުރުމަށް، ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި ކުރު މުއްދަތުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއެކު މަޝްވަރާކުރުމުގައި ކޮންސިއުލޭޓުގެ އެހީތެރިކަމަށް މިނިސްޓަރު ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.



