މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %13.9 އިތުރުވެއްޖެއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، ޖުލައި މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 ރުފިޔާ ވަނީ ލިބިފައެވެ.
މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.
މި މުއްދަތުގެ ތެރޭގައި ޒަކާތް ހައްޤުވާ އެކި ބައިތަކަށް އެހީގެ ގޮތުގައި ޖުމްލަ 15,306,546.64 ރުފިޔާ ވަނީ ބަހާފައެވެ. ޒަކާތު ހައުސްއިން މައުލޫމާތު ދެއްވާ ގޮތުގައި، ޒަކާތުގެ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފީސަބީލިﷲގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 9.08 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ފީސަބީލިﷲގެ ބައިން ހޭދަކުރި މައިގަނޑު ދާއިރާތަކަށް ބަލާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް 4,547,219.50 ރުފިޔާ އަދި ޤުރްއާން ދަސްކޮށްދީ ފެތުރުމަށް 1,919,470.64 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ އިތުރުން އެމްޕަވަރމެންޓް ހަބަށް 1,610,411.45 ރުފިޔާ، މަތީ ތައުލީމުގެ ބަޔަށް 876,143.93 ރުފިޔާ އަދި ފޮތް ތަރުޖަމާކުރުމަށް 122,474.38 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތުގެ ފައިސާއިން ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސިއްހީ އަދި ޒަރޫރީ އެހީތަކަށެވެ. އެގޮތުން ބޭސްފަރުވާގެ ބަޔަށް 5,074,399.69 ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަރޫރީ އެހީގެ ގޮތުގައި 277,740.00 ރުފިޔާ އަދި އަސާސީ ބޯހިޔާވަހިކަމަށް 155,950.00 ރުފިޔާ ވަނީ ދޫކޮށްފައެވެ.




